Share this post
ކަރަންޓު ބިލު ކުޑަކުރަން އިންސްޓޯލްމަންޓަށް ސޯލާ ޕެނަލް ހަރުކޮށްދޭ "އިރުން ހަކަތަ: ދުވާފަރު ހޯމް ސޯލާ" ޕްރޮގްރާމް، ރ. ދުވާފަރުގައި އެމް.ޑަބްލިޔު.އެސް.ސީ އިން އިފްތިތާޙުކޮށްފި

އިރުގެ ހަކަތައިން ކަރަންޓު އުފައްދައި ބޭނުންކުރުމަށް ގޭބިސީތަކަށް ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން "އިރުން ހަކަތަ: ދުވާފަރު ހޯމް ސޯލާ" ނަމުގައި ޕްރޮގްރާމެއް އެމް.ޑަބްލިޔު.އެސް.ސީ އިން އެރަށުގައި އިފްތިތާހުކޮށްފި އެވެ. މި ޕްރޮގްރާމް އިފްތިތާހްކޮށްދެއްވާފައި ވަނީ ރ.ދުވާފަރުގައި އޮތް ޚާއްސަ ހަފްލާއެއްގައި، މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރންމަންޓް އެންޑް ޕަބްލިކް ވާރކްސް އާދަމް ޝަރީފް އުމަރު އެވެ.

"އިރުން ހަކަތަ: ދުވާފަރު ހޯމް ސޯލާ" ޕްރޮގްރާމުގެ އަމާޒަކީ، ދުވާފަރު ގޭބިސީތަކަށް އިޢާދަކުރަނިވި ހަކަތައިގެ މަންފާ ލިބިދީ ކަރަންޓުބިލް ކުޑަކުރުމަށް މަގުފަހިކޮށް، ދުވާފަރުގައި އުފައްދާ ކަރަންޓުގެ %33 އަކީ އިޢާދަކުރަނިވި ހަކަތައަށް 2026ގެ ނިޔަލަށް ހަދައި އަދި ޑީސަލް އަންދާ މިންވަރު ދަށްކޮށް ޖައްވަށް ބޭރުކުރެވޭ ދުމުން ދުވާފަރުގެ ތިމާވެށި ރައްކާތެރިކުރުމެވެ.

މިއަދު އިފްތިތާހް ކުރެވިގެން މިދިޔައީ މިޕްރޮގްރާމުގެ ފުރަތަމަ ފިޔަވެއްސެވެ. މި ޕްރޮގްރާމް ފަރުމާކޮށްފައި ވަނީ ދުވާފަރު ގޭބިސީތަކުގައި ހަރުކުރާ ސޯލާ ޕީވީ ނިޒާމުތަކަށް އިންސްޓޯލްމަންޓަށް ގޭބިސީ އިން ފައިސާ ދައްކާ ގޮތަށެވެ. މި ޕްރޮގްރާމްގެ ދށުން އަވިން ހަކަތަ އުފައްދާ ނިޒާމުތައް ހަރުކުރާ ގޭބިސީތަކަށް ބިލުކުރާނީ ނެޓް މީޓަރިން އުސޫލުގެ ދަށުންނެވެ. މި އުސޫލުގެ ދަށުން ބިލު ކުރާނީ ގޭބިސީއެއްގައި ބޭނުންކުރި ކަރަންޓު ޔުނިޓުގެ އަދަދުން ސޯލާ ޕީވީ ނިޒާމުން އުފެއްދި އަދަދު އުނިކުރުމުން ބާކީވާ ޔުނިޓުތަކަށެވެ. ކަރަންޓު ބިލުން އުނިވާ އަދަދު، އިންސްޓޯލްމަންޓް އުސޫލުން ގަނެފައިވާ ޕީވީ ނިޒާމުގެ އަގު ހަމަވަންދެން ކޮންމެ މަހެއްގެ ކަރަންޓު ބިލުގައި ހިމެނޭނެ އެވެ. މިއީ ސޯލާ ނިޒާމް ހަރުކުރުމުގެ ފައިދާ ދިގު މުއްދަތަކަށް ރައްޔިޔުންނަށް ލިބިގެންދާނެ ކަމެކެވެ.

"އިރުން ހަކަތަ: ދުވާފަރު ހޯމް ސޯލާ" ޕްރޮގްރާމަށް ޝައުގުވެރިވާ ދުވާފަރު ރައްޔިތުންނަށް www.irunhakatha.mwsc.com.mv  މި ޕޯޓަލް މެދުވެރިކޮށް ހުށަހެޅޭނެއެވެ. އަދި މި ޕްރޮގްރާމާ ގުޅޭ އިތުރު މަޢުލޫމާތުވެސް މި ޕޯޓަލް އިން ލބޭނެއެވެ.

ރ. ދުވާފަރަކީ އެމް.ޑަބްލިޔު.އެސް.ސީ އިން ފެނާއި ނަރުދަމާގެ އިތުރުން ކަރަންޓު އަދި ވޭސްޓް މެނޭޖުމަންޓްގެ ޚިދުމަތް އިންޓެގްރޭޓަޑް މޮޑެލްއެއްގެ ދަށުން ފޯރުކޮށްދޭ ހަމައެކަނި ރަށެވެ.